(ވާދޫއާއި ބެހޭ މުހިންމު މަޢުލޫމާތު (ފުރަތަމަ ބައި
އިޒަފް | 15 މެއި 2016 | 1 އަހަރު ކުރިން | 7 ޚިޔާލު
ވާދޫ
ވާދޫ

ރަށުގެ ބޮޑުމިނާއި ސިފަތައް

ބޮޑު މިނުގައި 178 ހެކްޓަރ ހުންނަ ވާދޫ އަކީ އެކަހަރިކޮށް އޮންނަ ބޮޑު ރަށެކެވެ. ރަށުގެ ދެފަރާތުގައި ދެކަނޑު އޮޅިއޮވެއެވެ. އެއީ ވެހެވެލީ ކަނޑު އޮޅިއާއި ވާދޫކަނޑު އޮޅިއެވެ. މިރަށަކީ މަލަމަތި ރީތި ރަށެކެވެ. މަލަމަތީގެ އެންމެ ޚާއްޞަ ސިފައަކީ 700 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ނިކަގަހެއް ފެންނަން ހުރުމެވެ.

ރަށުގެ އާބާދީ

 1441 މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި ޖުމުލަ 288 ގެ ހުރެއެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 143 ގޭގައެވެ. އަދި މީހުން ދިރިނުއުޅޭ 145 ގެ ހުރެއެވެ.

ޚާއްޞަ ދަރިކޮޅުތައް:

ދެއްވަދޫ ރަސްގެފާނަކީ ވާދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އައިސާދިޔޯ އާއި ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާ އާއި ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ލިބިވަޑައިގަތް ބޭފުޅެކެވެ. މިހެންކަމުން ދެއްވަދޫ ރަސްގެފާނުންގެ މައިފުށުގެ އާއިލާއަކީވާދޫ ޢާއިލާއެއްކަމަށް ތާރީޚީ ލިޔުންތަކުން އެގެން އެބަހުއްޓެވެ. މުޡުހިރުއްދީން ރަދުންގެ ރަދުންނާއި، މުޡައްފަރު ރަސްގެފާނުގެ އާއިލާ ވާދޫ ގަތްދަނޑު އާއިލާއާއި ގުޅިފައިވެއެވެ. ވާދޫގެ ދުވަސްވީމީހުން ގެ ކިބައިން އެނގެމުން އައި ގޮތުގައި ގައްދަނޑު އާއިލާ ޖަމާލުއްދީންގެ އާއިލާވެސް  ގުޅޭ! ( އެއީ ދުރުތާ ތިމާގެ މީހެއްގެ ގޮތުގަ. ވާދޫގެ ދުވަސް މީހުން ބުނާގޮތުން ޖަމާލުއްދީން ވަޒަންވެރިވާން ވާދޫ ޚިޔާރުކުރީ ޢާއިލާގެ މީހުންގެ އެދިފައިވާގޮތުގެ މަތިންކަމަށް ބުނެވޭ.)އެކަލޭގެފާނުގެ ދަރިކޮޅެއް ދިވެހިތާރީޚުން އެނގެންނެތްކަމަށް ރާއްޖޭގެ މައްޝޫރު ތާރީޚް ލިޔުންތެރިޔާ މުޙައްމަދު އިބުރާހިމް ލުތުފީވިދާޅުވީ” ނަމުގެފަހތަށް މަހުލީ މިބަސް އިތުރުކުރެވިފައިވަނީ މަހަލްދީބު މިބަހުންކަމަން! އެއީކޮންމެހެން މާލޭ ބޭފުޅަކަށް ވާތީނޫންކަމަށް! މުޙައްމަދު ޖަމާލުއްދީނުލް މަޙްލީ ( ވާދޫދަންނަކަލޭފާނު ) ގެ ދަރިކޮޅެއް ދިވެހިތާރީޚުން އެނގެންނެތުމާއި، އެކަލޭފާނު ދިވެހިރާއްޖޭގައި ވޭތުކުރެއްވި ދުވަސްތައް ވޭތުކުރަށްވައިފައިވަނީ ވާދޫގައި ކަމުން އެއީ ވާދޫބޭފުޅެއްކަން ސާބިތުވެއެވެ.

ރަށުގެ މީހުންނާއި މެދު ދެކެވޭ ތަފާތު ވާހަކަތައް.

މިރަށަކީ ޒަމާނުއްސުރެ މެޙުމާންދާރީ އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ބަސްމަގު ރީތި ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށާއި، ރާއްޖޭގެ ތަޢުލީމުގެ ފެށުން އައިސްފައިވަނީ ވާދޫ ދަންނަކަލޭގެފާނު ކިޔަވައިދެއްވުމަށް މިރަށު އާސާރީ މިސްކިތުގައި ހަދާފައިވާ ދާލައިން ކަމަށާއި، ވާދޫއަކީ މުޅިރާއްޖެ އަށް މަޝްހޫރު ރުއްގަލުބޭސް ވެރިކަމުގެ މައިތަނބުކަމަށާއި އަދި މަޝްހޫރު ގައްދަނޑުގޭ ދޮންތުއްތުދީދީ އަކީ މުޅިރާއްޖޭގައިވެސް އެންމެ ފުރަތަމަ އަންހެންޑޮކްޓަރ ކަން ފާހަގަކޮށްލެވެއެވެ.

ރަށުގެ މީހުން ވަޒަންވެރިވިގޮތް ކުރުކޮށް

ތޯހައިދާލު މީގެ 30 އަކަށް އަހަރުކުރިން ވާދޫއަށް ކުރި ޒިޔާރަތެއްގައި މިރަށު އާޘާރީ މިސްކިތާ ޒިޔާރަތާއި ދޭތެރެއިން ކޮނުނު ތަނަކުން ވަށްކޮށްހުރި ލޯފޮތިތަކެއް ފެނިގެން،އެތަކެތިދިރާޘާ ކުރުމަށް ފަހު ހާމާކޮށްފައިވަނީ އެފޮތިތަކަކީ ޢީސާގެ ފާނު ދުނިޔެއަށް ވަޑައިގަތުމުގެ 400 އަހަރުގެ ކުރީގެ ފޮތިތަކެއްކަމަށެވެ. މިކަމުން އެނގިގެން ދަނީ އެހާ ކުރީޒަމާނުއްސުރެވެސް ވާދޫގައި މީހުން ވަޒަންވެރިވެފައިވާކަމެވެ. އަދި ދުވަސްވީ މީހުންގެ ވާހަކަތަކުން ވާރިދުވަމުން އަންނަގޮތުގައި ހިޖްރައިން 931 ހިސާބުގައިވެސް މިރަށުގައި އުޅެމުންދިޔައީ މުސްލިމުންނެވެ. މިރަށަކީ މާ ރަށަކަށްވާއިރު ރަށުގެ އެކި ހިސާބުތަކުން މިސްކިތްކަމަށް ބެލެވޭ 40 ހަށްވުރެ ގިނަތަންތަން ފާހަނގަ ކުރެވިފައިވެއެވެ. މިތަންތަނާއިއެކު ގިނަ ގަބުރުސްތާންތަކެއްވެސް ފެނިފައިވެއެވެ. ދުވަސްވީ މީހުން ބުނެފައިވާގޮތުގައި މިރަށަށް މަސްވެރިން ލަފާއިރު، 40 މިސްކިތުގެ ވޮށްފެންނަން ހުންނަ ކަމަށް ބުނެވެއެވެ. މިކަންކަމަށްބަލާއިރު މިރަށަކީ ޤަދީމީ ޒަމާނުއްސުރެ މީހުން އުޅެމުން އައި ރަށެއްކަން ދޭހަވެއެވެ.

ރަށުގެ ބަހުރަވަ

ރަށުގެ ބަހުރަވައަކީ ވާދޫ ނިސްބަތްވާ ހުވަދު އަތޮޅުގެ ބަހުރަވަ ކަމަށްވާ ހުވަދޫބަހެވެ.

ޚާއްޞަ ލަފުޒުތައް:

އަލަގެވަލާ، ބީވެޔާ، ހުޓިކޮޑާ، މާބިއްދަރާ، ތިރިދަންވަށްޑާ، ގޫވަލާ، އޮޅުވަލާ، ކަދާވަޑާ، އީދެގަލާ، ހުނެވަލާ، ބޭރެކެބެޔާ، ދޮންކަމެނާދިހެރެޔާ، ވަލުރުކުދޮރާ، ސަރަބޯހާ، ގަޑާ،ހިތުހުރީގެން ، ރާއްވާ، ހިއްކަޓިރާއްވާ، ފާއި ، ތޮފެނެ، ކުއްދާ، ރެއްސި، ކެބަލެފޮޑުން، ފެހެރިހުކުޑާ، ފޮޑަހާ، މަޓެ، ނީރާކޮޓެގެން،މަކަޅޮވެއިގެން، ތަންވަހަ،

ޚާއްޞަ މުހާވިރާތައް:

ދޮންދިޔެރައްކަލިޔެހެދެނެން ،ގާމަހަލޫދެއިގެން ކަނެން ، ދެފާ ބުއްރާގި ދުވެޔާ ލޭގެން ، ތިކަމާފެނެންނާ ކައިނާ ކުއްދާ ދެލޮލުން ،     ނުވެހެނެ ކުއްދަކުން ހޫކުރުވާ ހޮވޭގެން ، މުނަންދޫކަމަނާ ހެދީގެން ، މަންނާބެއްޔާބިއްދަރަށް ގޭހެން، މުރުތަލާފަތާ ކައިގެން    ، ގޫނުދަކެނާ ކައުޑެ ހެދީގެން ، މުދިންކައުޑާ ހެދީގެން އުއްމައްޗޭ އުއްޅަށް ލީގެން ، ސައްބައްދަ ކޮޑީގެން، އަންތަޓެކީގެން ، ދޫންނާ ސަންފާދިޔެ ދޮންކަމަނާ ހެދީގެން    އިދުރިހާ ހެދީގެން ، ލަންދޭސިއަކުން ކުއްތެއިކެ ބަނެހެން ، ވަގެ ފިދަން ބަދުރު ލައިގެން، ވެރެދެ ހީވުން

ރަށުގައި ކޮށް އުޅޭ މަސައްކަތް:

ދަނޑުވެރިކަން، މަސްވެރިކަން، ރާވެރިކަން، ވަޑާންކުރުން،ގެދޮރުއެޅުމުގެ މަސައްކަތް، ގެތުން

ރަށުގައި ކުޅެއުޅޭ ޘަޤާފީ މުހިންމު ކުޅިވަރުތައް:

ކޯޑި ކުޅުން، ބިލަތްދަފިނެގުން، ލަގިރި ޖެހުން، ދިގުމަގުހަރުބީ ހިނގުން، ބޮޑުމަސް ބޭނުން ( ބޮޑެމަހާއި ބޮޑެދޫންނާއި ކުޅިވަރެ)  ، ކުރުފަލިޖެހުން

ރަށުގައި ކައިބޮއިއުޅޭ ޚާއްޞަ ކެއުންތައް ބުއިންތައް:

ދިވެހި ކެއުން: (އަލަ،ކައްޓަލަ، ބަބުކެޔޮ، މާޅެސްކެޔޮ،ފަޅޯފަނި، ކަށިކެޔޮފަނި. ފުފޫފަނި)

ކޭން : (ފޮނިބިސްގަނޑު،ކުޅިބިސްގަނޑު،ރާފޮޅި،ފެންފޮޅި،ހަނޑޫކިރު، އުއްސަކުރު ބޮޑިބަތް، ދޮންކެޔޮ،  ރޯސްކުކުޅު، ކަނޑު ކުކުޅު، ބަތް، ދިވެހިހަކުރު،  ދޮންކެޔޮ، މެޓާގަނޑު)

ލުއިކާނާ : ( ހުވަދޫބޮޑި،ހުއްބޮޑި،ވެށުން،ނާރުއްޕަލުދަ،ކުޅިބޮޑިބަތް،ކުދިގުޅަ،އުކި،ފަތަފޮޅި)

ބުއިންތައް : (ކުރުނބާ، ކުރުނބާފަނި، އަނބު ފަނި)

ރަށުގެ ތަޢުލީމް (ފެށިގެން އައިގޮތާއި މިހާރު ފުޅާވެފައިވާ މިންވަރު)

ތާރީޚުގެ ލިޔުންތަކުން އެނގޭ ގޮތުގައި ޖަމާލުއްދީން އިންދެވި ޢުލޫމުގެ ޤުލްޝަނުގައި ހެދުނު ގަސްތަކުން ކުރެވުނު މުޑުވައްތަކުން މާތައް ފޮޅި މޭވާއަޅައި އެއިން ދިވެހި އުއްމަތަށް އަރޯކަމާއި ތަޒާކަން ލިބެމުންދާކަން ސާބިތުވާން އެބަހުއްޓެވެ. ޖަމާލުއްދީނަށް ނިސްބަތްވާ މި މަދަރުސާގެ ތަޢުލީމީ ވާފަށް ކެނޑިގެން ގޮސްފައިވާކަމެއް މި ރަށުގެ ދުވަސްވީ ބޭފުޅެއްގެ ދޫދޫ މަތިންވެސް އެނގޭކަށްނެތެވެ. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްކަމުގައިވާ މުޙައްމަދު ޝާޠިރު އަދި ޙަސަން ޙިލްމީ ލިޔުއްވާފައިވާ ގޮތުގައި ވާދޫ ގައްދަޑު މަނިކުފާނަކީ ފުވައްމުލަކުގެ އެދުރުއެދުރުންގެ ކިބައިން ޢިލްމު އުނގެނިވަޑައިގަތުމަށްފަހު ވާދޫއަށް ވަޑައިގެން ވާދޫ ދަންނަކަލޭގެފާނުގެ ޢިލްމު ފަނޑުވިޔަނުދީ ހިފެހެއްޓެވި ޢިލްމުވެރިއެކެވެ. ގައްދަޑު މަނިކުފާނަށް މިރަށުގެ ވެރިކަން ހަވާލުކުރެއްވުމަށްފަހުވެސް ތަޢުލީމު ދިނުމުގައި އެމަނިކުފާނު އުޅުއްވިއެވެ. އަދި އެއަށްފަހުވެސް މިރަށުގެ ތަޢުލީމު މެދުނުކެނޑިގެން ދިޔަކަން އެނގެއެވެ. މިހާރު މިމަދަރުސާއަކީ ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދޭ މަދަރުސާއެކެވެ.

ތަފާތު މުނާސަބަތުތައް ރަށުގައި ފާހަގަކުރުން އޮންނަގޮތް:

ޢީދު ދުވަސް

އަވަށު ފޯރީގައި ޢީދުވިލޭރޭ ފަތިހު ޢީދު މަޅިޖެހުމާއި، ޢީދަށްޓަކައި ޚާއްޞަކޮށްގެން ބޯކިބާފިހުންފަދަ ކަންކަމަކީ މިހާރުވެސް، އާދަކާދައިގެ ތެރޭގައި ހިނގަމުން އަންނަ ކަންތައްތަކެވެ.

ޢީދުގައި ރަށުގެ އެންމެން އެއްޖަމާޢަތުގައި ނަމާދުކުރުމާއި، ރަށުގެ އެންމެން ޝާމިލްވާގޮތަށް ކެއިންބުއިމާއި، ރަށުގެ ރައްޔިތުން އެންމެންގެ އެއްބާރުލުމާއެކު ކޯޑި، ބިލަތްދަފި ފަދަ ކުޅިވަރު ތައް ކުޅުން. މިކުޅިވަރުތަކުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވެއެވެ.

އެހެނިހެނިހެން ތަފާތު މުނާސަބަތްތައް:

ރަމަޟާންމަސް ފެށުން ފާހަނގަ ކުރުމުގެ ގޮތުން މާހެފުން ބާއްވަމުންދަނީވެސް ޡަޤާފީ ގޮތަކަށެވެ. 1980 ގެ އަހަރުތަކާއި ހަމައަށް ޘަޤާފީ ގޮތުން ރާއްޖޭގައި ކުރަމުން އައި ކަމެއްގެ ގޮތުން ދީނީ ތަފާތު މުނާސަބަތުގައި މިރަށުގައިވެސް ބޮޑުމައުލޫދު ކިޔާފައިވެއެވެ. އަދި ޤައުމީ މުނާސަބަތްތަކުގައިވެސް، އެމުނާސަބަތާއި ގުޅިގެން ޖަލްސާތަކާއި މަދަރުސާކުދިންގެ ތަފާތުކުޅިވަރުތައް ކުޅެވެމުންދެއެވެ.

ރަށުގެ ތަރައްޤީގައި އަންހެނުންނާއި ފިރިހެނުން ޙިއްސާވާގޮތް :

ވާދޫއަކީ ރަށްވެހިކަމަށް ލޯބިކުރާ ރަށުގައި ކުރެވޭ ޢިޖުތިމާޢީ މަސައްކަތުގައި ޖޯޝާއިފޯރިއާއިއެކު ރައްޔިތުން ގުޅިގެން މަސައްކަތް ކުރާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. މިމައްސަކަތުގެތެރެއިން  އަވަށުފޯރިވެސް މިރަށުންވަނީ ފެނިގެން ގޮސްފައެވެ. މިކަމުގެހެއްކަކީ ރަށުގެ މިހާރު ޤާއިމުކުރެވިފައިވާ ކަރަންޓްގެ ނިޒާމަކީ ރައްޔިތުންގެ ބުރަމަސައްކަތުން ޤާއިމުކުރެވިފައިވާ ނިޒާމެކެވެ.

(އެޑިޓަރުގެ ނޯޓް: މިއީ ޖަމާލުއްދީން މަދަރުސާގެ ގްރޭޑް 10 ގެ ދަރިވަރުން އަދަބީ ޢީދަށް ތައްޔާރުކޮށްފައިވާ ލިޔުމަކުން ނަކަލުކޮށްފައިވާ މަޢުލޫމާތުކޮޅެކެވެ.)

ކިޔުންތެރިންގެ ޚިޔާލު

  1. ކާބިޔާތާ ވާހަކެޔާ ނެންމޭ ވ ދެރެ!!!!

  2. ވަރަށް ފުރިހަމަ،ތިކެރަނެ ބުރެ މަސައްކަތަޓެ ހަމަ ސާބަހޭ