ވާދޫ އާސާރީ މިސްކިތް: ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ތަޢުލީމީ ބިނާ
އިޒަފް | 23 މެއި 2016 | 1 އަހަރު ކުރިން | 1 ޚިޔާލު
މުޙައްމަދު ޖަމާލުއްދީން ކިޔަވައިދެއްވުމަށް އިންނެވި ދާލަ
މުޙައްމަދު ޖަމާލުއްދީން ކިޔަވައިދެއްވުމަށް އިންނެވި ދާލަ

ވާދޫ އާސާރީ މިސްކިތަކީ، ދިވެހިރާއްޖޭގައި މިހާރުހުރި އެންމެ ޤަދީމީ އެއް މިސްކިތެވެ. މިއީ ދިވެހި ތާރީޚުގައި ނުހަނު މަތިވެރި ޤަދަރާއި އިޙްތިރާމް ލިބިފައިވާ “ވާދޫ ދަންނަކަލޭގެފާނު” އާއި ގުޅިފައިވާ މިސްކިތެކެވެ. ވާދޫ ދަންނަކަލޭގެފާނުގެ ޒިޔާރަތް ހުންނަނީ މިމިސްކިތުގެ ކުރިމަތީގައެވެ.

ވާދޫ ދަންނަކަލޭގެފާނު ޝަރުޢީ ޢިލްމު އުނގެނި ވަޑައިގަންނަވަން ދިވެހިރާއްޖެއިން ފުރާ ވަޑައިގަތީ ހިލާލީ މުޙައްމަދު ރަސްގެފާނުގެ ދަރިކަލުން ޙަސަން ރަސްގެފާނުގެ ރަސްކަމުގައެވެ. އެއީ ހިޖުރައިން 935 އާއި 955 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރު ކަމަށް “ދިވެހި ތާރީޚު” މިފޮތުގައި ލިޔުއްވާފައިވެއެވެ. އެކަލޭގެފާނު އުޅުއްވީ އެރަށުގައިހުރި ހުކުރުމިސްކިތާ މާދުރު ނޫން ރަނގަޅު ތަނަވަސް ހިސާބެއްގައެވެ.

ތާރީޚީ ލިޔުންތެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީގެ ދިރާސާއެއްގައިވެއެވެ. ” ވާދޫ އިސްލާމްވުމަށްފަހުގައި، ހައްތެލި ތަޅާލިއެވެ. އަދި އެތާނގައިހުރި ބޮޑު ފައްޅި ބަދަލުކުރީ “ސުކުރު” (ހުކުރު) މިސްކިތަށެވެ. ކުރިން ހައްތެއްޔަށްއޮތް ބޯގަތަކާއި ދަރުމަތައްވެސް ބަދަލުވީ މިސްކިތް މައްޗަށެވެ. މިމިސްކިތަކީ އަލްފަޤީހު މުޙައްމަދު ޖަމާލުއްދީން ވާދުއަށް ދުރުވެ، އަޅުކަން ކުރައްވާށާއި، އެކަލޭގެފާނުގެ އަރިހަށް ޢިލްމު އުނގެނެން އައި މީހުންނަށް ކިޔަވައިދެއްވަން 982ހ އިން ފެށިގެން 990ހ. އަށް އިންނެވި މިސްކިތެވެ. ވާދޫ ހުކުރުމިސްކިތް ޢިމާރާތްކުރެވިފައި ހުރި ގޮތަކާއި އަދި އެމިސްކިތް މަރާމާތު ކުރެވިފައިވަނީ ކިތައްފަހަރު ކަމެއް އެނގޭކަށް ނެތެވެ.”

އެވޭލާ ދުވަސްވަރަށް ބަލާއިރު، މިސްކިތަށް ބަދަލުކޮށްފައިވާ ހައްތެލީގެ ބޮޑުމިނަކަށްވަނީ 24 ފޫޓް 24 ފޫޓެވެ. ލުޠުފީގެ ދިރާސާގައި ވިދާޅުވެފައިވަނީ މިއީ މިހާރުހުރި މިސްކިތުގެ “ފަހު” މިސްކިތުގެ ބޮޑުމިން ކަމަށެވެ. އުތުރު ފަރާތާއި ދެކުނު ފަރާތުގައި، ހައްތެއްޔަށް ވަންނަން ދެދޮރު ހުއްޓެވެ. ނަމަވެސް މި ބިނާ މިސްކިތަކަށް ބަދަލުކޮށްލިއިރު، އިރުމައްޗަށް ދެދޮރު ކަނޑައި، 8 ފޫޓުގެ ދާލައެއް ނުވަތަ ފެންޑާއެއް އިތުރު ކުރެވުނެވެ.

މިތަން ބައްލަވައި ދިރާސާކުރެއްވުމަށްފަހު، ލުޠުފީ ވިދާޅުވެފައިވަނީ ” ކުރީގެ ހައްތެއްޔާއި، މިހާރު ޖަމާލުއްދީން ޒިޔާރަތްހުރި ތަނާއި އަދި މުޙައްމަދު ފަޑިއްތަކުރުފާނުގެ ބިސްތާނަ އާއި އިހުގައި މޮނާސްޓްރީ (މިހާރު މިސްކިތް) ދޮށުގައި އޮތް ވެވާ ދެމެދުގައި ‘ސިޓިންގ ބުއްދާ’ އެއްގެ ބުދު ހުރި ޕްލެޓް ފޯމާއި، ވަށައިގެން އެތަނަށް އަރަން އޮތް ހަރުފަތްބަރި މިހާރުވެސް އެބައޮތެވެ.” ވެވަށް ފަސްލުމަށްފަހު މިހާރު އެތާނގައި ވަނީ މީހުން ވަޅުލާފައެވެ. މިސްކިތާއި (ކުރިން މޮނާސްޓްރީ) އަދި އެތނާގައި އެވޭލާ ޒަމާނުގައިހުރި އެހެން ޢިމާރާތްތަކާ ދެމެދުގައި ތިން ހަތަރު ފޫޓް ފުޅާ މިނުގައި، ވެލިގާ ކޮށައިގެން އަތުރައި މަގު ހަދާފައިވެއެވެ.

މިރަށު އާސާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ތަޢުލީމީ ބިނާއެވެ. މިރަށުގައި ގެތެމުންދާ ތަޢުލީމީ މާ ފައްޗަކީ އިސްކަންދަރު ރަސްގެފާނު މާލޭ ހުކުރު މިސްކިތު ދޮރޯށީގައި ފެއްޓެވި މަދަރުސާއަށްވުރެ މާކުރިން ފެށިގެން މެދުނުކެނޑި މިއަދާހަމައަށް ގެތެމުން އައިސްފައިވާ ތަޢުލީމީ މާފައްޗެކެވެ.

(އެޑިޓަރުގެ ނޯޓް: މިއީ ވާދޫ ޖަމާލުއްދީން މަދަރުސާގެ ޓީޗަރަކު ލިޔުއްވާފައިވާ ޢިލްމީ ދިރާސާއަކުން ނަކަލުކޮށްފައިވާ ލިޔުމެކެވެ.)

ކިޔުންތެރިންގެ ޚިޔާލު