ވާދަވެރި ކުޅުމަކަށްފަހު ކުޑަތަފާތަކުން މަޑަވެލި ޓީމު މޮޅުވެއްޖެ
އިޒަފް | 3 މާޗް 2017 | 1 އަހަރު ކުރިން | 0 ޚިޔާލު
VBR 1

ގދ. މަޑަވެލީގައި މިއަދު ކުޅެވުނު “ފަސްޓްލޭޑީ ބަށި ބޯޅަ މުބާރާތް 2017” ގެ ފުރަތަމަ މެޗު ކުޑަ ތަފާތަކުން މަޑަވެލީ ޓީމު ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ އިނިނިގްސް ގައި ވާދޫ ޓީމު ކުޅެން އަރާ 11 ލަނޑާއި 9 ފޯލި ހެދުނުއިރު، މި އިނިންގްސް ގައި މަޑަވެލި ޓީމު ކުޅެން އަރާ ވަނީ 11 ލަނޑާއި 11 ފޯލި ހަދާފައެވެ. ނަމަވެސް މި އިނިންގްސް ގައި މަޑަވެލީ ޓީމުން 3 ވަނަ ލަނޑު ހެދުމުން ސްކޯ ބޯޑު ބަލަހައްޓަން އިން އޮފިޝަލަށް އެއީ މަޑަވެލީ ޓީމުން ހެދި 4 ވަނަ ލަނޑުކަމަށް ވަނީ ބަލާފައެވެ. މިކަމާގުޅިގެން ވާދޫ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން ވަރަށްބޮޑަށް އެމައްސަލަ ޖެއްސިއެވެ. ނަމަވެސް މުބާރާތުގެ އޮފިޝަލުން އެނިންމުމަށް ބަދަލެއް ގެނެސްފައެއްނުވެއެވެ.

ދެ ޓީމުގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ހުއްޓުމެއްނެތި ދެމުންދިޔަ ސަޕޯޓާއެކު މެޗު ނިމިގެން ދިޔައިރު ދެ ޓީމަށްވެސް ހެދިފައިވަނީ 21 ލަނޑެވެ. ނަމަވެސް މަޑަވެލި ޓީމު ވަނީ ވާދޫ ޓީމުގެ މައްޗަށް 8 ފޯލި ކުރި ހޯދާފައެވެ. އެހެންކަމުން މާދަމާ ވާދޫގައި ކުޅޭ މެޗުގައި މަޑަވެލީ ޓީމަށްވުރެ އެއް ލަނޑު އިތުރަށް ވާދޫ ޓީމު ހެދިޔަސް ދެ މެޗުގެ ޖުމްލަ ނަތީޖާއިން ވާދޫ ޓީމަށް ކުރި ލިބޭނެވެ.

ވާދޫގެ ސަޕޯޓަރުން

ވާދޫގެ ސަޕޯޓަރުން

ވާދޫ ޓީމުގެ މެނޭޖަރު ޢައިޝަތު ފަޒްނާ ވިދާޅުވީ ޓީމުގެ ކުޅުންތެރިންނަށް ހެދިފައިވަނީ ވަރަށް ކުދި ކުދި މިސްޓޭކްތައް ކަމަށާއި އެކަންތައްތައް ރަގަޅުކޮށް މާދަމާ ވާދޫގައި ކުޅެވޭ މެޗު ކާމިޔާބުކުރުމަށްޓަކައި ހުރިހާ ކުޅުންތެރިންވެސް ތިބީ ތައްޔާރަށް ކަމަށެވެ. ” މިމެޗުގައިވެސް ކުޅުންތެރިން ވަރަށް ހިތްވަރުކުރި. އަދި ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓާމެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ. އިރާދަކުރެއްވިއްޔާ މާދަމާގެ މެޗު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުމަށް ކުޅުންތެރިންތިބީ ޢަޒުމް ކަނޑައަޅައިގެން” ޢައިޝާ އިތުރަށް ވިދާޅުވީ ވާދޫ ބަށިކޯޓުގައި ހުރި ފުޅާމިނަށްވުރެ މަޑަވެލި ކޯޓު ހަނިވުމަކީވެސް ދިމާވި މައްސަލައެއްކަމަށެވެ.

މެޗު ނިމުމުން މަޑަވެލީ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތަކެއް ފެނިގެންގޮސްފައެވެ. ބީވާއަށް މަޢުލޫމާތު ދެމުން ވާދޫ ޓީމުގެ އޮފިޝަލުން ބުނެފައިވަނީ މަޑަވެލީ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ޢަމަލުތަކާމެދު ހިތާމަކުރާކަމަށެވެ. “މަޑަވެލީ ޓީމުންވަނީ ވާދޫ ޓީމުގެ ކުޅުންތެރިންނާ ދިމާއަށް ފެނާއި ވެލި އުކައި އަދި ބޭއަދަބީ ބަހުން މުޚާޠަބުކޮށްފައި” އޮފިޝަލުން ބުންޏެވެ. ނަމަވެސް ޓީމުގެ އޮފިޝަލުން ބުނީ މާދަމާ ވާދޫގައި ކުޅޭ މެޗުގައި ބަދަލު ހިފުމުގެ ގޮތުން ވާދޫގެ ސަޕޯޓަރުންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނާނެ ކަމަށެވެ. ކުޅިވަރުގައި ސަޕޯޓްދޭންޖެހޭނީ ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ކުޅިވަރުގައި އަބަދުވެސް މޮޅުވާނީ ކޮންމެވެސް އެއްބަޔެކެވެ. ކުޅިވަރުގެ އަޚުލާޤީ އިމުން އެއްވެސް ބަޔަކު ބޭރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

 

ކިޔުންތެރިންގެ ޚިޔާލު