ނާޒް: ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެޓީވީގެ އެންމެ އުހަށް!
އެޑްމިން | 21 ޖޫން 2016 | 1 އަހަރު ކުރިން | 2 ޚިޔާލު
ނާޒް - ފޮޓޯ: ފޭސްބުކް
ނާޒް - ފޮޓޯ: ފޭސްބުކް

2010 ވަނަ އަހަރު ރާއްޖެ ޓީވީއާ ގުޅުނު ނާޒު ސަޢީދު (ނާޒު) އަކީ އެތަނުގެ ފުރަތަމަ ސްޓާފެވެ. ރާއްޖެޓީވީ އިން ފުރަތަމަ ޚަބަރު ގެނެސްދިނީވެސް ނާޒުއެވެ. ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ނާޒު ވަނީ އެތަނުގެ އެންމެ އުހުގައި ފިޔަޖަހަން ފަށާފައެވެ. ފުރަތަމަ ޝިފްޓް އިންޗާޖެވެ. އޭގެފަހުން ސްޓޭޝަން އިންޗާޖެވެ. މިހާރު އެއީ ރާއްޖެޓީވީގެ އެގްޒެކެޓިވް ޑިރެކްޓަރެވެ. މިހާކުރު މުއްދަތެއްގެ ތެރޭގައި މިހާބޮޑު ކާމިޔާބީއެއް ނާޒުއަށް ހޯދުނީ ކިހިނެއް ހެއްޔެވެ؟ ތިރީގައިމިވަނީ ގދ. ވާދޫއަށް އުފަން ނާޒުގެ މަސައްކަތްތަކާއި އަދި އެނޫންވެސް މުހިންމު ބައެއް ކަންކަމާގުޅޭގޮތުން ބީވާއިންކުރި މުހިންމު ބައެއް ސުވާލުތަކަށް ނާޒުދީފައިވާ ޖަވާބެވެ. ވާދޫއަށް އުފަން މިފަދަ ހުނަރުވެރި އަދި އެކިއެކި ދާއިރާގެ ތަޖުރިބާކާރުންގެ މަޢުލޫމާތުވެސް ކިޔުންތެރިންނާއި ޙިއްސާކުރުމަކީ ބީވާއަށްލިބޭ ވަރަށްބޮޑު އުފަލެކެވެ.

ބީވާ: ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވުނީ ކިހިނެއް؟

ނާޒު: ނޫސްވެރިކަމަކީ އަބަދުވެސް ކުރާ ހިތްވާ ކަމެއް. ޚާއްޞަކޮށް މަންމަ އަބަދުވެސް ބޭނުންވޭ މިދާއިރާއިން ކުރިއަށް ދިއުމަށް. އެއްފަހަރެއްގައި ޗުއްޓީއަށް ރަށަށްގޮސް ހުއްޓާ ބޭސިކް ޖާނަލިޒަމް ކޯހެއް އިޢުލާންކުރީ. ދެން މަންމަގެ އެދުމުގެ މަތިން އެކޯހަށް ކުރިމަތިލައިގެން ހޮވުނީ.

ކޯހުގައި ކިޔަވާދިނީ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން. ކޯހުގައި ކިޔެވިއިރު ޓީވީއެމްގައި އުޅޭ ފަޒޫ ކިޔާ ރައްޓެއްސަކާ ދިމާވެގެން ބުނެފި އާޓީވީ ޗެނަލެއް ހަދަން އުޅޭ ވާހަކަ. ދެން ފަޒޫގެ ރައްޓެއްސެއް އޭރުގެ ސީއީއޯ ޔާމީން (މިހާރުގެ މަޖިލިސް މެމްބަރު) އަކީ. ދެން ޔާމީނުއަށް ގުޅައިގެން މިދިޔައީ ކުދިން ހޮވަންވެގެން އެމީހުން ބޭއްވި އޮޑިޝަނަށް. އެއޮޑިޝަނުގައި ބައިވެރިވި 5 ކުދިންގެ ތެރެއިން އެންމެ ރަގަޅު ކުއްޖަކަށް ނާޒު ހޮވުނީ. އެއިރު އަދި ރާއްޖެ ޓީވީ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދަނީ. ކޯސް ކުރިއަށްދިޔައިރުވެސް އެތަނަށް ދަން. އެދިޔުމުގެ ތެރޭގައި މިހާރުގެ އެމްޑީ ސައްލެމެން ބޭއްވި އޮޑިޝަނެއްގައި އަނެއްކާވެސް އަޅުގަނޑާއި އެހެން ކުއްޖަކު ހޮވުނީ. އެދުވަހުން ފެށިގެން މަސައްކަތް ކުރަމުންމިދަނީ ރާއްޖެޓީވީގައި.

ބީވާ: ފުރަތަމަ ޚަބަރު ކީ ދުވަހުގެ ތަޖުރިބާއަކީ ކޮބާ؟

ނާޒު: އެއީ ވަރަށް މަޖާ ދުވަހެއް. މިހާރުވެސް އެވީޑިއޯ އިންނާނެ ޔޫޓިއުބްގަ. ޚަބަރު ކީވެސް ކަރުދާސްގަނޑެއް ބަލައިގެން. އަޅުގަނޑާއެކު ދެން ހޮވުނު ކުއްޖާ އިނީ ކޮންޓްރޯލް ރޫމްގަ. ކޮންޓްރޯލް ރޫމް އިންނަން ފޫހި ވާތީ އެކުއްޖާ އަނެއްދުވަހު އޮފީހަށް ނައި. އެއިރު ރާއްޖެ ޓީވީގެ ސްޓާފުންގެ ޢަދަދަކީ ގާތްގަނޑަކަށް ހައެއް. ދެން އެކުއްޖާ ނައިމާ ފަހުން ހުރިހާކަމެއް އަޅުގަނޑު ކުރަން މަޖުބޫރުވި. އެގޮތުން އެރޭ 8 ގެ ޚަބަރު ގަޑީގައި ކޮންޓްރޯލް ރޫމްގަ ހުންނަން ޖެހުނީ އަޅުގަނޑު. އެއިރު ކޮންޓްރޯލް ރޫމްގަ ހުންނަ އެއްޗެއްސަށް ކިޔާ ނަމެއްވެސް އެހާބޮޑަށް ނޭގެ. އޭގެފަހުން ދެން އަޅުގަނޑު އިންނަން ޖެހުނީ ކޮންޓްރޯލް ރޫމްގަ. އެގޮތުގަ ދެ އަހަރު ވަންދެން ކޮންޓްރޯލްގަ އުޅެމުން ޚަބަރުވެސް ކިޔަމުން ދިޔައީ.

ނާޒު ޚަބަރު ކިޔަން ތައްޔާރުވަނީ

ނާޒު ޚަބަރު ކިޔަން ތައްޔާރުވަނީ

ބީވާ: އެއިރާއި މިހާރުގެ ތަފާތަކީ ކޮބާ؟

ނާޒު: އެއިރާއި މިހާރާއި ވަރަށްބޮޑަށް ތަފާތު. އެންމެ ފުރަތަމަ ޚަބަރަށް އެރި ދުވަހު ވަރަށް ބިރުގަތް. ވަރަށް ތުރުތުރު އެޅި. ނަމަވެސް މިހާރު ޚަބަރަށް އަރަން އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ ބިރެއްވެސް ނުގަނޭ. އެއިރު ވަރަށް ކުށްވެސް ކިޔޭ. އެކަމަކު މިހާރު ވަގުތުން ޚަބަރަށް އަރަން ބުންޏަސް އެއްވެސް ކުށެއް ނުޖެހި ކިޔާލެވޭނެ. އިރާދަކުރެއްވިއްޔާ މިހާރު އެތަނުގައި ކުރަން ނޭގޭ އެއްވެސް ކަމެއް ނޯންނާނެ.

ބީވާ: އެންމެ ފުރަތަމަ ހުށަހެޅީ ކޮން ޕްރޮގްރާމެއް؟

ނާޒު: އެންމެ ފުރަތަމަ ހުށަހެޅީ ފަސްކާފު ކިޔާ ޕްރޮގްރާމެއް. އެއީ ވަރަށްބިރުގަތް ދުވަހެއް. އެޕްރޮގްރާމް ހުށަހަޅަން ހަމަޖެހިފައި ހުރި ޕްރެޒެންޓަރަށް ނާދެވުނީމަ އަރަންޖެހުނީ ހަމަ ކުއްލިއަކަށް. އެއީ ވަރަށް މޫސުމް ގޯސް ދުވަސްވަރެއްވީމަ އެކަމާގުޅޭ މަޢުލޫމާތު ދިނުމަށް އެމް.އެން.ޑީ.އެފްގެ ބޭފުޅަކާއެކު އަރަންޖެހުނީ. ޕްރޮގްރާމް ފެށުމާއެކުވެސް ވަރަށްބޮޑަށް ތުރުތުރު އެޅި. ނަމަވެސް ދެ ސުވާލުވަރު ކުރެވުނު ހިސާބުން ހަމައަކަށް އެޅިއްޖެ.

ނާޒު ހުށަހެޅި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން

ނާޒު ހުށަހެޅި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން

ބީވާ: ފުރަތަމަހުރީ ކޮން މަޤާމެއްގައި؟

ނާޒު: ފުރަތަމަ ހުރީ ޝިފްޓް އިންޗާޖަކަށް. ދެން ސްޓޭޝަން އިންޗާޖަކަށް. ދެން މިހާރު މިހުރި އެގްޒެކެޓިވް ޑިރެކްޓަރ ގެ މިމަޤާމަށް ބަދަލުވީ

ބީވާ: ނާޒު ފާހަގަކުރެވުނީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށްބޮޑު ކުރިއެރުމެއް ހޯދި މުވައްޒަފެއްގެ ގޮތުގަ. އެކަމުގެ ސިއްރަކީ ކޮބާ؟

ނާޒު: އަޅުގަނޑަށް ޤަބޫލުކުރެވެނީ ތެދުވެރިކަމާއެކު މަސައްކަތް ކުރެވުމާއި، އެކަށީގެންވާ ވަރަށް ތަނަށް ވަގުތުދީގެން އަދި ކުރާހިތުން އެކަމެއް ކުރެވުމުގެ ނަތީޖާ. އޮފީހަށް ދިއުމަށްފަހު ކުރަންޖެހޭ މަސައްކަތެއް އޮތިއްޔާ އެމަސައްކަތެއް ނިންމާފައި ނޫނީ ބްރޭކެއްވެސް ނުނަގަން. ޕެންޑިންގގަ އެއްވެސް ކަމެއް ނުބޭއްވުމަށް އަބަދުވެސް ވަރަށް މަސައްކަތް ކުރަން. އެކަމެއް ނިންމާފައި ނޫނީ އޮފީހުން ނުނިކުންނަން. އެމަސައްކަތެއްކުރަން ސްޓާފުން ތިއްބަސް އެމީހުންނަށް ޑިޕެންޑުނުވެ އަމިއްލައަށް ޒިންމާ ނަގައިގެން އެކަމެއް ކުރެވޭތޯ އަބަދުވެސް ބަލަން.

ބީވާ: ރާއްޖެ ޓީވީއަށް ވަތްއިރު، މިހާރު ތިހުރި ހިސާބަށް އާދެވިދާނެކަމަށް އެއްވެސް ވަރަކަށް އުންމީދުކުރިންތަ؟

ނާޒު: އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން. އަސްލު ބޭނުމެއް ނޫން މިހާ ޒިންމާބޮޑު ވަޒީފާއަކަށް އަންނަންވެސް.  އެކަމަކު މަސައްކަތްކުރަމުން އައި ގޮތަށް ބަލާއިރު މެނޭޖްމަންޓުގެ ވަރަށްބޮޑު އިތުބާރެއް ލިބުނީ. ވަރަށްކުރު މުއްދަތެއްގެ ތެރޭގައި. ވަރަށްގިނަ މީޓިންގ ތަކުގައިވެސް އެމް.ޑީ ފާހަގަކޮށްފައިވޭ ވަރަށްބޮޑަށް އިތުބާރު ކުރާ ކަމަށް. އަދި ޙަވާލުކުރާ ކޮންމެ މަސައްކަތެއްވެސް ބަރާބަރަށް ނިންމާ އޭގެ އަޕްޑޭޓް ދޭކަން. ޙަވާލުކުރާ އެއްވެސް މަސައްކަތަކަށް ނޯ ނުބުނަން. އަސްލު އަބަދުވެސް ބޭނުންވަނީ ނިއުސްރޫމުގައި ތިބޭ އާދައިގެ ޖާނަލިސްޓަކަށްވެހުރެ މަސައްކަތްކުރުމަށް.

ބީވާ: މިހާރު ތިހުރި މަޤާމުގެ ޒިންމާއަކީ ކޮބާ؟

ނާޒު: ގާތްގަނޑަކަށް ޓީވީ ސްޓޭޝަން ހިންގުން. ސީއީއޯ ގެ މަޤާމް ފިޔަވައި ސްޓޭޝަންގެ އެންމެ އިސް މަޤާމަކީ މިއީ. އެހެންވީމަ މިމަޤާމުގެ ޒިންމާ ވަރަށްބޮޑު. ޚާއްޞަކޮށް ރާއްޖެޓީވީގެ އޮންއެއަރ ބެލެހެއްޓުން. މާނައަކީ މުޅި ދުވަހުގެ ޓީވީ ޝެޑިއުލް ބެލެހެއްޓުން. ނާޒުގެ ހުއްދައެއްނެތި އެއްވެސް އެއްޗެއް އޮންއެއަރ އެއް ނުކުރެވޭނެ. އޯވަރޯލްކޮށް ބުނަންޏާ ޓީވީ ސްޓޭޝަން ހިންގުމުގެ ހުރިހާ ކަމެއް ކުރުން.

ބީވާ: ތިހިސާބަށް އައުމުގައި އެންމެބޮޑު އެހީތެރިކަމެއް ލިބުނީ ކޮން ބައެއްގެ ފަރާތުން؟

ނާޒު: ވަކިވަކިން ނަން ބުނަން ވަރަށް އުނދަގޫ. ހުރިހާ އެންމެންގެ ފަރާތުންވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު. ޚާއްޞަ ގޮތެއްގައި މިހިސާބަށް އައުމުގައި ނާޒުގެ މަންމަ އާއި ޢާއިލާ އަދި ފިރިމީހާ އާއި ފިރިމީހާގެ ޢާއިލާގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު. އޭގެ އިތުރަށް ރާއްޖެ ޓީވީގެ މެނޭޖްމަންޓާއި ސްޓާފުންގެ ފަރާތުންވެސް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު. އަދި ވަރަށް ޚާއްޞަގޮތެއްގައި ރާއްޖެ ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަލީމު އާއި އަކުރަމް ކަމާލުއްދީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ކުރި އިތުބާރު ފާހަގަކުރަން. އަދި ވާދޫ ރައްޔިތުންގެ ފަރާތުންވެސް ވަރަށްބޮޑު ހިތްވަރެއްލިބޭ. މިސާލަކަށް ޕްރޮގްރާމެއް ހުށަހެޅުމުން ރަގަޅުކުރަންވީ ކަންތައްތައް ގުޅާފައި ކިޔާދޭ. އެއީ ލިބޭ ވަރަށްބޮޑު ކުރިއެރުމެއް.

ބީވާ: ވާދޫއަށް ނިސްބަތްވާ ކުއްޖަކު ތިފަދަ މަޤާމަކާއި ހަމައަށް އާދެވުމުން ލިބޭ އެންމެބޮޑު އުފަލަކީ ކޮބާ؟

ނާޒު: އަސްލު ވަރަށް ވަރަށް އުފާވޭ. އުންމީދެއްވެސް ނުކުރަން މިހާހިސާބަށް އާދެވިދާނެކަމަށް. ކުޑައިރުއްސުރެ ވަރަށްކުރާ ހިތްވާ ކަމެއް އެކަމަކު ހިތަކަށް ނާރާ ދުވަހަކުވެސް މިގޮތަށް މީހުން ކުރިމައްޗަށް އަރާ ޚަބަރު ކިޔުމުގެ ނުވަތަ ޕްރޮގްރާމެއް ހުށަހެޅުމުގެ ފުރުޞަތު ލިބިދާނޭ. އަދިވެސް އެކުގައި އުޅުނު ބައެއް ރައްޓެހިންނަށް ޤަބޫލެއް ނުކުރެވޭ ނާޒު މިގޮތަށް ޚަބަރު ކިޔާފާނެކަމަށް. އެއީ ސްކޫލުގައި އުޅުނު އިރުވެސް މީހުން ކުރިމައްޗަށް އަރާ އިންޓަރވިއު އެއްކުރަން ވަރަށް ލަދުގަނޭ. އެހެންވީމަ ބައެއްކުދިންނަށް އަދިވެސް ޤަބޫލު ނުކުރެވެނީ.

ރައީސް ނަޝީދު އާއި އިންޓަވިއު ކުރަނީ

ރައީސް ނަޝީދު އާއި އިންޓަވިއު ކުރަނީ

ބީވާ: މިހާތަނަށްކުރި އެންމެ ތަފާތު ތަޖުރިބާއަކީ ކޮބާ؟

ނާޒު: މިހާތަނަށް ރާއްޖެ ޓީވީ ގައި ހޭދަވީ މުއްދަތުގެ ތެރޭގައި އެންމެ ތަފާތު ތަޖުރިބާއެއް ކުރެވުނީ ކަންނެލި އޮޑިއެއްގައި 16 ދުވަސް ވަންދެން 44 ރަށަކަށް ކުރީގެ ރައީސް ނަޝީދާއެކު ކުރި ދަތުރު. އެރަށްރަށަށްގޮސް އެތައް ބަޔަކާ ފޭސްކުރަންޖެހޭ. އަދި ކޮންމެ ދުވަހަކު ރައީސް ނަޝީދާއެކު އެތައް އިންޓަރވިއު އެއް ނަގަން ޖެހޭ. ރައީސަކާ އެގޮތަށް ކުއްލިގޮތަށް ތައްޔާރުނުވެ އިންޓަރިވިއު ނަގަންޖެހުމަކީ ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއް. މިދަތުރުގައި އެކިރަށްރަށަށް ދިއުމުން އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ ވަރަށްގިނަ ޚިޔާލުތައް. އިތުރަށް ރަގަޅުކުރަންވީ ކަންތައްތައް އެމީހުން ކިޔާދޭނެ. އެކަމުގެ ސަބަބުން ކުރިއަށްދިއުމަށް ވަރަށްބޮޑު ހިތްވަރެއް ލިބޭ.

ބީވާ: މިދާއިރާގައި ހޭދަވީ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައި އެންމެ އުފާވި ކަމަކީ ކޮބާ؟

ނާޒު: ސީދާ ވަކި ދުވަހެއް އެހެން ބުނާކަށް ނޭގެ. އެކަމަކު ވަރަށް އުފާވި މިފަދަ ޕޯސްޓެއް ލިބުނީމަވެސް. އެއީ ކުރިން މިފަދަ ޕޯސްޓަކާއި ހަމައަށް އާދެވިދާނެކަމަށް އުންމީދެއް ނުކުރާތީ. ދެން ވަރަށް އުފާވޭ ނާޒުގެ ފަރާތުން ވަރަށްގިނަ ކުދިންނަށް ހުންނާނެ މިދާއިރާއިން ތަމްރީންތައް ލިބިފައި. އެއީވެސް ވަރަށް އުފާކުރާކަމެއް. އޭގެ އިތުރުން 2014 ވަނަ އަހަރު ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެޓީވީގެ އެވޯޑެއް ލިބުނީމަވެސް ވަރަށް އުފާވި.

ބީވާ: މިދާއިރާގައި ހޭދަވީ މުއްދަތުގެ ތެރޭގައި މިހާތަނަށް ކުރި އެންމެ ހިތި ތަޖުރިބާ އަކީ ކޮބާ؟

ނާޒު: އަސްލު މީޑިއާގެ ޙަޔާތުގައި އައި އެންމެ ހިތާމަވެރި ދުވަހަކީ ރާއްޖެ ޓީވީ ރޯކޮށްލި ދުވަސް. އެއީ މިހާތަނަށް އެންމެ ދެރަވި އެއްދުވަސް. ހަމައެގޮތަށް އެކަމުގެ ތެރެއިން ރާއްޖެ ޓީވީގެ އަސްވާޑަށްދިން ޙަމަލާވެސް ފާހަގަކޮށްލެވޭ. ރާއްޖެޓީވީ ރޯކޮށްލި ދުވަހު އިހުސާސްކުރެވުނީ އަމިއްލަ ގައިގެ އެއްބައި ރޯ ކޮށްލިހެން.

ބީވާ: މިހާރުތީ ވަރަށްގިނަ ބަޔަކު ދަންނަ މޫނެއް. މަގުމަތިން ދިމާވެ ބައްދަލުވީމަ ކީކޭ މީހުން ބުނަނީ؟

ނާޒު: ވަރަށްގިނަ ބަޔަކު ސަލާމްކޮށްފަ ބުނާނެ ޕްރޮގްރާމް ހުށަހަޅާގޮތް ވަރަށް ރަގަޅޭ. އަދި ރަގަޅުކުރަން ހުންނަ ކަންތައްތައްވެސް އެމީހުން ބުނެދޭ. ދެން އެކި ޕްރޮގްރާމްތައް މިހުށަހަޅަނީ އެކި ނަން ނަމުގައި. އެހެންވީމަ ބެލުންތެރިންނަށް އެނގޭނީ އެ ހުށަހަޅާ ޕްރޮގްރާމެއްގެ ނަމުން. މިސާލަކަށް ކުޑަކުދިންގެ ޕްރޮގްރާމެއް ހުށަހަޅާދެނީ ނާޒުދައްތަގެ ނަމުން. ދެން އެނަމުންވެސް ގޮވާނެ ފެނުނީމަ.

ބީވާ: ޝުކުރު އަދާކޮށްލަން ބޭނުންވާ ފަރާތްތަކަކީ ކޮބާ؟

ނާޒު: އެހީތެރިވެދިން ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރަން ބޭނުން. ވަކިވަކިން ނަންތައް ބުނަން ވަރަށް އުނދަގޫ. ނާޒުގެ ދެ ފަރާތުގެ ޢާއިލާއަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން ބޭނުން. މަންމަ އާއި ބައްޕަގެ ފަރާތުން ޚާއްޞަގޮތެއްގައި މަންމަގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަން. އަދި ބޭބެ މެންގެ ފަރާތުންވެސް ލިބޭ ހިތްވަރު ފާހަގަކޮށް ޝުކުރު އަދާކުރަން. އޭގެ އިތުރުން އޮފީސް މެނޭޖްމަންޓާއި ސްޓާފުންނަށްވެސް ވަރަށްބޮޑަށް ޝުކުރު އަދާކުރަން.

ބީވާ: މިދާއިރާއާ ގުޅެން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

ނާޒު: މިދާއިރާއަކީ ވަރަށް ބިޒީ ދާއިރާއެއް. ސައުވީސްގަޑި އިރު އުޅެން ޖެހޭނީ މިކަމުގައި. އަސްލު މީޑިއާ އަކީ މެރީޑް ކަޕްލްއަކަށް އެހާ ރަގަޅު ދާއިރާއެއް ނޫން. ސަބަބަކީ ވަޒީފާގައި އުޅެމުން ފެމިލީއަށް އެކަށީގެންވާ ޓައިމް ނުދެވޭތީ. އެކަމަކު ނޫސްވެރިކަމުގެ ދާއިރާއަކީ ކުރިއަށްދާން ވަރަށް ރަގަޅު ދާއިރާއެއް.

ރާއްޖެ ޓީވީގެ ޝޫޓިންއެއްގައި ނާޒް ހަރަކާތްތެރިވަނީ

ރާއްޖެ ޓީވީގެ ޝޫޓިންއެއްގައި ނާޒް ހަރަކާތްތެރިވަނީ

ބީވާ: ތިހާ ބިޒީކޮށް އުޅެމުން ފެމިލީއަށް ޓައިމްދެނީ ކިހިނެއް؟

ނާޒު: ތެދުތެދަށް ބުނާނަމަ، ފެމިލީއަށް ވަރަށް ޓައިމް ނުދެވޭ. ހެނދުނު ދާގޮތަށް ގިނަފަހަރަށް ގެއަށް މިއާދެވެނީ ރޭގަނޑު. އެލިބޭ ކުޑަކުޑަ ވަގުތުކޮޅު ތެރޭ ޓައިމް މެނޭޖްކުރަން މިޖެހެނީ. ނާޒުގެ ފިރިމީހާއަކީވެސް ވަޒީފާގައި އުޅޭ މީހެއް. އެހެންވީމަ ދެމީހުންވެސް ދުވާލު ވަރަށް ދިމާނުވާނެ. ދެން ފިރިމީހާ ވަޒީފާ އަދާކުރާތަނުގައި ހޮނިހިރު ދުވަހުވެސް މަސައްކަތްކުރާނެ. އެހެންވީމަ ނާޒު ހޮނިހިރު ދުވަހު އޮފް ލިބުނަސް ދެމީހުން ދިމައެއް ނުވޭ. އަދި މިހާރު ޢާންމުކޮށްވެސް އޮފް ޑޭ ތަކުގައި ނުކުންނަން ޖެހޭ. އެހެންވީމަ ބޭނުންވާ ވަރަށް ފެމިލީއަށް ޓައިމް ނުދެވޭ.

ބީވާ: އެކަމުގެ ސަބަބުން ދެމީހުންގެ މެދުގައި މައްސަލައެއް ނުޖެހޭތަ؟

ނާޒު: އެއްވެސް މައްސަލައެއް ނުޖެހޭ. ފިރިމީހާއަކީ ވަރަށް އަންޑަސްޓޭންޑިންގ މީހެއް. ވަރަށް ހެލްޕްފުލް މީހެއް. ފިރިމީހާއާހެދި އަސްލު މިހާގިނަދުވަހު މިހެން މިއުޅެވެނީ. ދެމީހުންގެ ދިރިއުޅުމަށް ހަތަރު އަހަރުވީއިރު ކޮންމެ ދުވަހަކުވެސް އޮފީހަށް ހެނދުނު ދާއިރު ދުވަހަކުވެސް ގަޑިޖެހިޔަ ނުދޭނެ. ބައެއް ފަހަރު ގިނަވަގުތު މަޑުކުރަންޖެހުނު ނަމަވެސް އެކަމަށް އެއްވެސް ޝަކުވާއެއް ނުކުރާނެ.

ބީވާ: ލޯބި ސިފަކުރަނީ ކިހިނެއް؟

ނާޒު: އެއީ ދެމީހުންގެ ދޭތެރޭގައި އަންޑަސްޓޭޑިންގ އެއްއޮވެ ދެމީހުން އެކަކު އަނެކަކަށް ކެއަރ ކުރުން.

ބީވާ: އެންމެ ބޭނުންވާ ހަދިޔާއަކީ؟

ނާޒު: ތިއީ ވަރަށް ރަގަޅު ވަރަށް ހިތްހެޔޮ ކުއްޖެކޭ ބުނުން.

ނާޒް މީހަކާ އިންޓަވިއު ކުރަނީ

ނާޒް މީހަކާ އިންޓަވިއު ކުރަނީ

ބީވާ: ތިއީ ވަރަށް ފޮނިކުއްޖެކޭ ބުނެވޭނެތަ؟

ނާޒު: އަދި މިހާހިސާބަށް އެއްވެސް މީހަކު ނެތް އެހެން ބުނެފަ. ނުދަންނަ މީހަކާ ދިމާވިޔަސް އެމީހަކާ ވާހަކަ ދައްކަނީ ހިނިތުންވުމާއެކު. މިސާލަކަށް ފިރިމީހާގެ ރައްޓެހިންނާ ދިމާވިޔަސް އެމީހުންނާ ވާހަކަ ދައްކަނީ ވަރަށް ހިނިތުންވެހުރެ. ފަހުން އެމީހުން ހަޒްބަންޑު ކައިރީގައިވެސް ބުނެފައިހުރޭ ނާޒު ވަރަށް ކޫލްދޯއޭ މީހުންނާ ވަރަށް ގުޅޭ ދޯއޭ ބުނެފަ. އެހެންވީމަ ދުވަހަކުވެސް އަދި މީހަކު އެހެން ބުނެފައެއްނެތް.

ބީވާ: ލައިފާމެދު ބުނަނީ؟

ނާޒު: ވަރަށް ޕާފެކްޓް. ހަޒްބަންޑުވެސް ވަރަށް ރަގަޅު.

ބީވާ: އެންމެ އުންމީދުކުރާ ދުވަހަކީ؟

ނާޒު: ޕްރޮޑަކްޝަން ދާއިރާއިން މޮޅު އުފެއްދުމެއް ތައްޔާރުކުރެވުން

ބީވާ؛ މިދާއިރާ ނޫން އެހެން ދާއިރާއަކުން ފެނުނު ނަމަ ފެންނާނީ ކޮން ދާއިރާއަކުން؟

ނާޒު: އަސްލު އަބަދުވެސް ވަރަށްކުރާހިތްވި ކަމެއް ޕޮލިހަކަށްވުން. އަބަދުވެސް ބޭނުންވޭ ޤައުމީ ކޮންމެވެސް ޚިދުމަތެއްކުރުން. ދެން ކުޑައިރުއްސުރެ ވަރަށް ބޭނުންވި ހެލްތު ދާއިރާއިން ކުރިއަށްދާންވެސް.

ބީވާ: ރަށާ ދޭތެރޭ ކުރާ އުންމީދަކީ ކޮބާ؟

ނާޒު: ނިސްބަތުން ބަލާއިރު ގދ. ވާދޫއަކީ ވަރަށް ތަޢުލީމީ މީހުންތިބި ރަށެއް. އެކަމަކު ރަށުގެ ތަރައްޤީ މިހާރު އޮތް ހިސާބުން އެމީހުނަށް އެއްވެސްކަމެއް ނުކޮށްދެވޭ. އެހެން އެވަނީވެސް ސަބަބުތަކެއް ނެތިއެއްނޫން. އާބާދީމަދުވެ ވަސީލަތްތައް ނެތުންވެސް އެއީ މައްސަލައެއް. ކިތަންމެ މޮޅަށް ކިޔަވައިގެން ރަށަށް ޚިދުމަތްކުރަން ބޭނުންވާ މީހާއަށްވެސް އެފުރުޞަތެއް ހަޤީޤަތުގައިނެތް. އެހެންވީމަ އުންމީދަކީ ކިޔަވައިގެން ރަށަށް ޚިދުމަތްކުރަން ބޭނުންވާ މީހާއަށް އެފުރުޞަތު ލިބޭނެ ދުވަހެއް ތަނަވަސްވުން.

ބީވާ: ތިދާއިރާއިން ރަށަށްކޮށްދެވޭނެ ކަމަކީ ކޮބައި؟ ނުވަތަ ތިދާއިރާއިން އެއްވެސް ކަމެއް ރަށަށްކޮށްދޭން ވިސްނަންތަ؟

ނާޒު: ވާދޫއަކީ ވަރަށްގިނަ އާސާރީ ތަންތަން ހުރި ރަށަކަށްވާތީ ކުރިންވެސް ޑޮކިއުމެންޓްރީއެއް ހެދުމަށް ހުންނާނެ މަޢުލޫމާތު ހޯދާ މަސައްކަތްތަކެއްކުރެވިފައި. ވަގުތު ހުރި ގޮތުން އަދި ނުދެވިގެން މިއުޅެނީ. ވަގުތެއް ވީމަ ރަށަށްގޮސް އެމަސައްކަތްކުރަން ނިންމައިގެން މިހިރީ.

ބީވާ: ވަރަށްބޮޑަށް ޝުކުރިއްޔާ. ބީވާއިން އަބަދުވެސް އެދެނީ ނާޒުއަށް އިތުރު ކާމިޔާބީ ލިބުން.

ނާޒު: މިފުރުޞަތު ދިނީތީ ބީވާއަށް ވަރަށްބޮޑަށް ޝުކުރިއްޔާ

 

ކިޔުންތެރިންގެ ޚިޔާލު

  1. ނާޒް އަކީ ރާއްޖެޓީވީގައި ޚަބަރު ގެެނެސްދޭ ޕްރެޒެންޓަރުންގެ ތެރެއިން އަހަރެން އެއްމެ ފެވަރިޓް..ނާޒް ހަބަރު ކިޔާ ގޮތް ވަރަށް ރީތި..ނާޒް އާއި ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ..