އެނަރޖީ ޑްރިންކްސް އިން ލިބޭ ގެއްލުން އެނގޭތަ..؟
އިޒަފް | 2 ޖުލައި 2017 | 5 މަސް ކުރިން | 0 ޚިޔާލު

Energy-Drinks-before-workout

އިންސާނުންނަކީ އެންމެ ކުރީ ޒަމާނުއްސުރެންވެސް ހިންހަމަޖައްސާލުމައްޓަކައި އެކި ވައްތަރުގެ ބުއިންތައް ބޭނުންކުރަމުން އައި ބައެކެވެ. އެވޭލަ ޒަމާނުގެ ފަތްފުއްތަކުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވާން އެބަހުއްޓެވެ. އޭރު ރާއްޖޭގެ ރައްޔިތުން އެ ގޮތުން ބޭނުންކުރަމުން އައި އެއް ބުއިމަކީ ދިވެހި ރުކުރާ އެވެ. ނަމަވެސް މިނޫނަސް މިފަދަ އެހެން ބުއިންތައްވެސް އައީ ބޭނުންކުރަމުންނެވެ. އެ ގޮތުން ކުރުބާ އަދި ލުނބޯ ފަނި ފާހަނގަކޮއްލަން ޖެހެއެވެ.

ނަމަވެސް ޒަމާން މިވަނީ ބަދަލުވެފަވެ. އޭރުގައި އެ ބޭނުންކުރަމުން އައި ރުކުރާފަދަ އެއްޗަކީ އެއްޗަކަށް ނުވެއެވެ. ހުރިހާވެސް އެއްޗަކީ އެނަރޖީ ޑްރިންކްސް އެވެ. މިހާރު މި އުޅޭ ޒުވާން ކުދިންނަށް މިވަނީ މި ބުނާ އެނަރޖީ ޑްރިންކްސް އާ ނުލައި އުޅެން އުނދަގޫ ވެފައެވެ. މިހާރުގެ ގިނަ ޒުވާނުން އެނަޖީ ޑްރިންކް ބޮއި އުޅެނީ ތަންކޮޅެއް ގައްޑާވުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ފެޝަނަކަށެވެ.

ތަންކޮޅެއް ކުރިން ބޮއި އުޅުނު ކޯކާއި ފެންޓާ ފުޅިއެއް މިހާރު މަގުމަތީގައި ބޯތަން ފެނިއްޖެ ނަމަ އެމީހާގެ ހަށިގަނޑުން ބައެއް ގެއްލިގެން ދާކަމަށްވެސް ބައެއް މީހުންނަށް ވިސްނިފައިވެއެވެ. އަދި ބައެއް މީހުން ހަށިގަނޑު އެލާރޓް ކުރުމުގެ ނިޔަތުގައިވެސް އެނާރޖީ ޑްރިންކް ބޮއި އުޅެއެވެ.

 

އެނާރޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކަކީ، ހަމައެކަނި އޭގެ ޒާތުގައި ހަކަތަ ލިއްބައިދޭ މީރު ބުއިމެއް ކަމަށް ގިނަ ބަޔަކަށް ހީވެފައިި ވެއެވެ. އެއީ ބޭރަށް ހިންގާ މީހުންނަށް ދޭ “ލޮނުޕެކެޓު” ފަދަ، އެކަމަކު ލޮނުޕެކެޓަށްވުރެ އިތުރަށް ހަކަތަ ލިއްބައިދޭ، މޮޅު އެއްޗެއް ކަމުގައި ދެކޭ މީހުންވެސް މަދެއްނޫނެވެ. ވާނީވެސް އެހެންނެވެ. އެނާރޖީ ޑްރިންކެއް ބޯލުމުން ވަގުތުކޮޅަކަށް ނަމަވެސް ވަރުބަލިކަން ފިލުވާލަދެއެވެ. މީހާގެ މާހައުލާއިމެދު ހޭލުންތެރިކަން އިތުރު ކުރުވައެވެ. އަދި ނިދިވެސް ފިލުވާލަދެއެވެ.

އެނާރޖީ ޑްރިންކްގެ ކަންތައް މިހިސާބަށް ފޯރި އަރައިގެން ދިޔައިރު “އެމެރިކަން މެޑިކަލް އެޑްވައިޒަރީ ކޮމެޓީ” އިން ވަނީ ގައިގާ ވަރުޖެއްސުމަށް ނުވަތަ ކަރުހިއްކުން ފިލުވުމުގެ ނިޔަތުގައި  އެނާރޖީ ޑްރިންކް ބޭނުން ނުކުރުމަށް އިންޒާރު ދީފައެވެ. އަދި އެނަރޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ބްލަޑް ޕްރެޝަރ މައްޗަށް ދާ ކަމަށްވެއެވެ. މިފަދަ ފަރާތްތަކުން ހޯދި ހޯދުމަކުން އެނގުނު ގޮތުގައި މިފަދަ ބުއިންތައް ބޭނުންކުރާ މީހުންގެ 29% މީހުން ބަނޑު ސަކަރާތްވާގޮތް ވެއެވެ. އަދި %19 މީހުން ބޮލުގައި ރިއްސާ އަދި މޭގަނޑުގެ މައްސަލަތައް ދިމާވެފައިވާކަމުގައިވެއެވެ.

އާއްމުގޮތެއްގައި ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުގައި ހުންނަނީ “ކެފެއިން” ، “ގުވަރާނާ” ، “ޓައުރައިން” ، ވިޓަމިން ބީ ގެބާވަތްތަކުގެ އިތުރުން “ގިންގކޯ” އާއި “ޖިންސެންގ” ފަދަ އެކިއެކި ބާވަތުގެ ފަތްޕިލާވެލިން ނަގާ މާއްދާތަކާއި، ހަކުރެވެ. މީގެތެރެއިން ގިނަ ބާވަތްތަކަކީ އިންސާނާގެ ސިކުނޑި “ސްޓިމިއުލޭޓް” ކުރުވާ ނުވަތަ ހޭލުވައިލާ ބާވަތް ބާވަތެވެ. ސިކުނޑި “ސްޓިމިއުލޭޓް” ވުމުން ވަރުބަލިވުމުގެ އިހްސާސްތައް ކަޑުވައިލައިދީ، ނިދި ފިލުވައިލައިދީ، އަދި ހަކަތަ ލިބޭކަމުގެ އިހްސާސްތަކެއް ކުރުވައެވެ. މީގެ އިތުރުން ހަކުރަކީ ހަށިގަނޑަށް ނުސީދާ ގޮތުގައި ހަކަތަ ފޯރުކޮށްދޭ އެއްޗެކެވެ. “އެނަރޖީ ޑްރިންކް” މިނަން ނިސްބަތް ވަނީ މިފަދަ ގޮތްގޮތުން، ވަގުތުކޮޅަކަށް ނަމަވެސް، ގައިގައި ވަރުޖައްސައިދޭކަމަށް އިހްސާސް ކުރުވާބުއިން ތަކަށެވެ.

އެނަރޖީ ޑްރިންކްސްގައި ހިމެނޭ ބާވަތެއް ކަމުގައިވާ “ކެފެއިން” އަކީ ބައެއް ގަސްގަހުގައަޅާ މޭވާގައާއި މޭވާގެއޮށުގައި އަދި ފަތުގައި އެކުލެވިގެންވާ މާއްދާއެކެވެ. މިއީ ކޮފީ އާއި ސައި ގައި އަދި ކޯލާ ފަދަ ބުއިން ތަކުގައިވެސް ހިމެނޭ މާއްދާއެކެވެ. މި ދަންނަވާ ބުއިންތަކުގައި “ފެއިން” ހުންނަނީ ކޯލާފަދަ ބުއިމެއްގައި ހުންނަ ވަރަށްވުރެން އެތައް ގުނައެއް އިތުރަށެވެ. މިސާލެއް ދަންނަވާނަމަ 8 އައުންސް ކޮކާ ކޯލާ ގައި ހުންނަނީ 23 މިލިގްރާމް “ކެފެއިން” އެވެ. ނަމަވެސް 8 އައުންސް “ރެޑް ބުލް” ގައި 76 މިލިގްރާމް  “ކެފެއިން” އަދި 8 އައުންސް “މޮންސްޓަރ އެނަރޖީ ޑްރިންކް” ގައި 80 މިލިގްރާމް “ކެފެއިން” ހުރެއެވެ. އާދައިގެ (އިންސްޓަންޓް) ކޮފީތައްޓެއްގައި 8 އައުންސް ގައި ހުންނަނީ 57 މިލިގްރާމް “ކެފެއިން” އެވެ. 8 އައުންސަކީ ގާތްގަޑަކަށް 230 މިލިލީޓަރ (އެމް.އެލް.) އެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ 8 އައުންސަކީ ގާތްގަޑަކަށް ޖޯޑެއްގެ ދިޔާއެއްޗިއްސެވެ.

ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބައެއް ބުއިންތަކުގެ 20 އައުންސުގެ ދަޅެއްގައި ނުވަތަ ފުޅިއެއްގައި 500 މިލިގްރާމް “ކެފެއިން” ހުރެއެވެ. ބައެއް ވައްތަރުގެ ހަކަތަ ލިއްބައިދޭކަމަށްބުނާ ބުއިންތަކުގައި ހަކުރުވެސް އާދަޔާ ހިލާފަށް ގިނައިން ހުރެއެވެ. މިވައްތަރުތަކުގެ 16 އައުންސް ހުންނަ ދަޅެއްގައި 13 ސަމުސާ ހަކުރު ހުންނަކަމަށް ވެއެވެ.

އެ ބުއިންތަކުގައި ހުންނަ ބައެއް މާއްދާތަކަކީ ކެފެއިން އާއި އެކުވެގެން ހަށިގަނޑަށް ނުރަގަޅު އަސަރު ކުރުވައިފާނެ ފަދަ މާއްދާތަކެކެވެ. އަދި މިފަދަ ބުއިންތަކުގައި ހުންނަ މާއްދާތައް ބައެއް ކަހަލަ ބޭހާ އެކުވުމުން، ނުވަތަ ބައެއް ކަހަލަ ބޭސް ބޭނުން ކުރާމީހުން މިފަދަ ބުއިންތައް ބޭނުންކުރުމުން ހަށިގަނޑަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ފަސޭހައިން ކުރުވާނެއެވެ.

މީގެ އިތުރުން މި ބުއިންތަކުގައި ހުންނަފަދަ މަތީ އަދަދަކަށް، ގިނަގިނައިން ކެފެއިން ބޭނުންކުރުމަކީ ކެފެއިން ވިހަވުމާއި ކެފެއިން އަށް ހަށިގަނޑު ހޭނުމާއި   އަދި މި ނޫނަސް އިތުރު ނުރަގަޅު އަސަރުތަކެއް ހަށިގަޑަށް ކުރުވާނޭ ކަމެކެވެ. މިފަދަ ބުއިންތަކުގައި ހިމެނޭ ބައެއް މާއްދާތަކަކީ އެ މާއްދާތައް ބޭނުން ކުރުމުން އިންސާނުންނަށް ކުރުވައިފާނެ އަސަރުތަކާމެދު، އަދި އެމާއްދާތައް އެކަތި އަނެކައްޗާއި އެއްކޮށްގެން ބޭނުންކުރުމުން ކުރުވައިފާނެ އަސަރުތަކާމެދު ސައިންޓިފިކް ގޮތުން މާ ތަފްޞީލީ ދިރާސާތަކެއް އަދިވެސް ކުރެވިފައިވާ މާއްދާތަކެއް ނޫނެވެ. އެހެންކަމުން މިފަދަ ވަކިވަކި ބުއިންތަކުގައި ހުންނަ މާއްދާތަކާއި އެމާއްދާތައް ބޭނުން ކުރުމުން ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ދުނިޔޭގެ އެތައް ލެބޯޓްރީއެއްގައި މިހާރުވެސް އަންނަނީ ތަހުލީލުތައް ކުރެވެމުންނެވެ. އަދި ވަރަށް ގިނަޑޮކްޓަރުން މިކަމާގުޅޭ ދިރާސާތައްވެސް އަންނަނީ ކުރަމުންނެވެ.

މިޔާއިއެކު އެނަރޖީ ޑްރިންކްސް އަކީ އޭގެ ސަބަބުން ނުނިދުމާއި ރުޅިގަދަވުމާއި ހާސްވުމާއި މޭނުބައިކޮށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުމައި ހަށިގަނޑުން އާދަޔާ ޚިލާފަށް ފެން މަދުވުމާއި ބޮލުގައި ރިއްސުމާއި ހިތުގެ ވިންދުގެ މައްސަލަޖެހުމާއި ކަންކަމާދޭތެރޭ ހިތްހަމަ ނުޖެހުމާއި ކަންކަމަށް ކޮންސެންޓްރޭޓް ކުރަން އުދަގޫވުމާއި ހިތް ބިރުގަތުމާއި މޫޑު ގޯސްވުމާއި ބަރުދަން އިތުރުވުންފަދަ ކަންކަން ހިމެނޭއެއްޗެކެވެ.

އަދި ބައެއް ފަހަރު ނަމަވެސް ފިޓުޖެހިގެން ހޮސްޕިޓަލުތަކަށް ގެންދެވޭ މީހުންނަކީ އެނަރޖީ ޑްރިންކްސް ބޭނުންކުރުމުން ފިޓުޖެހިގެން ގެންދެވޭ މީހުންކަމަށް ލަފާކުރެވޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ވަކިން ޚާއްޞަކޮށް ހިތުގެ މައްސަލަ ހުންނަ މީހުންނާއި، ލޭމައްޗަށްދާ މިހުންނާއި ސިކުނޑީގެ ބަލިތަކުގެ މީހުން މިފަދަ ބުއިންތައް ބޭނުން ކުރުމުން ނޭދެވޭ އަސަރު ކުރާލެއް ގިނައެވެ. މި ދެންނެވި އަސަރުތައް ކުރުވަނީ އެކި މީހުންނަށް އެކިވަރަށެވެ. އަދި މިފަދަ ބުއިންތައް އެކިވަރަށް ބޭނުން ކުރުމުންނެވެ.

އެނަރޖީ ޑްރިންކްސް އާއި ފިޒީ ޑްރިންކްސް ބުއިމަކީ ކޮންކަހަލަ ކަމެއްތޯ ޑރ.މުޙައްމަދު ޢިޔާޟު އަބްދުއްލަތީފް އާއި ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވީ الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މިފަދަ ބުއިން ތަކުގެ ސަބަބުން ހަށިގަނޑަށް ގެއްލުމެއް ނުވާ ނަމަ މައްސަލަ އެއް ނެތެވެ. والله أعلم

މީ ޖަވާބުން އެނގޭ ގޮތުގައި އެނަރޖީ ޑްރިންކްސް ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި އަމުދުން އަޅުގަނޑުމެންގެ ތުއްތު ދަރިންނަށާއި ބޮޑެތި ވަމުން އަންނަ ޅަފުރާގެ ދަރިންނަށް ހަކަތަ ލިއްބައިދޭކަމަށް ބުނާ ބުއިންތައް ދިނުމަކީ ރަގަނޅުކަމެއް ނޫނެވެ. އެހެންނަމަވެސް ހިތާމަހުރި ކަމަކީ ބައެއް ކުދިންނަކީ އަދި ބައެއް ޒުވާނުންނަކީ މިފަދަ ބުއިންތައް ގާތްގަނޑަކަށް ހަމަ ކޮންމެ ދުވަހަކުހެން ބޭނުންކުރާ ބަޔަކަށް ވެފައި ވުމެވެ.

ކުޅިވަރު ކުޅެ ވަރުބަލިވުމުންނާއި މިނޫން ވެސް ގޮތަކުން ގައިގެ ވަރު ދެރަވެއްޖެނަމަ އެނަރޖީ ޑްރިންކްއެއް  ބޮއިލުމަކީ ބައެއް ކުދިންނާއި ޒުވާނުން ފަރުވާއެއްގެ ގޮތުގައި ދެކޭ ކަމެކެވެ.

ކަމުގެ މާހިރުން މިފަދައިން މިބުނަނީ އެއްގޮތަކަށްވެސް އެނާރޖީ ޑްރިންކް ނުބޯށެކޭނޫނެވެ. އެހެނެއްކަމަކު އެފަރާތްތަކުން ބުނަމުން އެދަނީ ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުން ނުކުރުމަށެވެ.ޅައުމުރުން ފަށައިގެން މިފަދަ ބުއިންތަށް ބޭނުންކުރުމަކީ މުސްތަޤުބަލުގައި ހަށިގަނޑަށް ނޭދެވޭ އެތަކެއް އަސަރުތަކެއް ކުރާނޭ ކަމެކެވެ. އެހެންކަމުން ކުޑަކުދިންނާއި އަޅުގަނޑުމެންގެ ޒުވާނުން މިފަދަ ބުއިންތައް ބޭނުން ކުރުމަކީ އާދައެއް ކަމަށް ނަހަދަމާތޯއެވެ…!

ކިޔުންތެރިންގެ ޚިޔާލު