އެކުވެރިކަމުގެ ބަށި މެޗް ވާދޫ ޓީމް ކާމިޔާބުކޮށްފި
އިޒަފް | 3 ފެބްރުއަރީ 2017 | 10 މަސް ކުރިން | 1 ޚިޔާލު
މިއަދު ބައްދަލުކުރި ދެޓީމުގެ ކުޅުންތެރިން
މިއަދު ބައްދަލުކުރި ދެޓީމުގެ ކުޅުންތެރިން

“ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް 2017” އަށް ތައްޔާރުވަމުން އަންނަ ވާދޫ ބަށި ޓީމު އެކުވެރިކަމުގެ މެޗެއްގައި މިއަދު ތިނަދޫ ބަށި ޓީމާ ބައްދަލުކޮށް ކާމިޔާބުކޮށްފިއެވެ.

ވާދޫ ބަށި ކޯޓުގައި ކުޅެވުނު ފޯރިގަދަ މިމެޗްގެ ފުރަތަމަ އިނިންގްސް ގަައި ވާދޫ ވަނީީ 14 ލަނޑު 3 ފޯލި ހަދާފައެވެ. މި އިނިންގްސް ގައި ތިނަދޫ ޓީމަށް ހެދިފައިވަނީ 9 ލަނޑާއި 11 ފޯއްޔެވެ. ވާދޫގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ހުއްޓުމެއްނެތި ދެމެދުންދިޔަ ސަޕޯޓާއެކު ދެވަނަ އިނިންގްސް ނިމުނުއިރު ވާދޫ ޓީމު ވަނީ 27 ލަނޑު ހަދާފައެވެ. މި އިނިންގްސް ނިމުނުއިރު ތިނަދޫ ޓީމަށް ހެދިފައިވަނީ 20 ލަނޑާއި 11 ފޯއްޔެވެ.

މިމެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ތިނަދޫގައި ދިރިއުޅެމުންދާ އަދި މިމެޗު އިންތިޒާމްކޮށްދިނުމުގައި އިސްކޮށް ޙަރަކާތްތެރިވި އެއްފަރާތް ކަމުގައިވާ ޢައިޝަތު ސަލްމާއެވެ. މި މެޗަށް ވާދޫގެ ވަރަށްގިނަ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަން ބަށިޓީމުގެ މެނޭޖްމަންޓުން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައިވެއެވެ.

ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕަށް ވާދޫ ބަށި ޓީމް ތައްޔާރުވަމުން އަންނައިރު، މިމުބާރާތް މިއަދު ވަނީ ނ. ލަންދޫގައި ރަސްމީކޮށް ފަށާފައެވެ. މިމުބާރާތުގައި ގދ. އަތޮޅުން ބައިވެރިވެފައިވަނީ ވާދޫ ޓީމުގެ އިތުރުން ގދ. މަޑަވެލީގެ ބަށި ޓީމެވެ. ހޯމް އެންޑް އަވޭގެ އުޞޫލުން ކުޅޭ ދެ މެޗުން ކުރި ހޯދާ ޓީމަކަށް އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ލިބޭއިރު އެޓީމު ދެން ވާދަކުރަންޖެހޭނީ ގއ. އޮތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއެވެ. މާލޭގައި ކުޅެވޭ ފަހު ބުރަށް ހޮވޭނީ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމެވެ.

 

ކިޔުންތެރިންގެ ޚިޔާލު