ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ބަށި ރޫޙު ހޯދައިފި
އިޒަފް | 5 މާޗް 2017 | 9 މަސް ކުރިން | 0 ޚިޔާލު
ވާދޫ ބަށި ރޫޙު
ވާދޫ ބަށި ރޫޙު

ފަސްޓްލޭޑީ ބަށި ބޯޅަ މުބާރާތް 2017 ގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ބަށި ރޫޙު ހޯދައިފިއެވެ. ވާދޫ ބަށި ރޫޙުން ޗެމްޕިއަންކަން ހޯދީ ވާދޫގައި އިއްޔެ ކުޅެވުނު ދެވަނަ މެޗު 22 ލަނޑު 9 ފޯލިން ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި މަޑަވެލީ ޓީމަށް ހެދުނީ 19 ލަނޑު 6 ފޯއްޔެވެ. މިނަތީޖާއާއެކު ދެމެޗުން ވާދޫ ޓީމު ވަނީ 43 ލަނޑު ހަދާފައެވެ. މަޑަވެލީ ޓީމަށް ހެދުނީ 41 ލަނޑެވެ.

މަޑަވެލީގައި ކުޅެވުނު ފުރަތަމަ މެޗު ކުޑަ ތަފާތަކުން މަޑަވެލި ޓީމު ކާމިޔާބުކޮށްފައިވާތީ ދެވަނަ މެޗުގެ ފޯރި ވަރަށްބޮޑަށް ގަދަވާނެކަމަށް ކުރިންވެސް ބެލެވިފައިވާ މިމެޗުގައި ވާދޫގެ ކުދިބޮޑު އެންމެން ވަނީ ވާދޫ ޓީމަށް ހުއްޓުމެއްނެތި މެޗު ނިމެންދެން ވަރަށްފުރިހަމައަށް ސަޕޯޓްދީފައެވެ.

މެޗާބެހޭ ގޮތުން ބީވާއާ ވާހަކަދައްކަމުން ޓީމުގެ ޒުވާން ކޯޗު އިކުރާމް ބުނީ ޓީމުގެ ކުޅުންތެރިން އިއްޔެ ދެއްކި ކުޅުމާމެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. “ކުދިކުދި މިސްޓޭކްތަކެއް ހުއްޓަސް ޖުމްލަގޮތެއްގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ. އަދި ސަޕޯޓަރުން ޓީމަށްދިން ސަޕޯޓްވެސް ވަރަށް ފާހަގަކޮށްލެވޭ” ކޯޗު އިތުރަށް ފާހަގަކުރިގޮތުގައި ހުރިހާ ކުޅުންތެރިންވެސް ތިބީ ޒޯން ކާމިޔާބުކުރުމުގެ ޢަޒުމްގައި ކަމަށެވެ.

ޓީމުގެ ސަޕޯޓަރުން

ޓީމުގެ ސަޕޯޓަރުން

ވާދޫ ބަށި ރޫޙުގެ މެނޭޖަރު ޢައިޝަތު ފަޒުނާވެސް ހުރީ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ. ނަމަވެސް ޢައިޝާ ބުނީ މިޓީމަކީ އެއަށްވުރެވެސް ގިނަ ލަނޑު ހެދޭނެ ފެންވަރު ހުރި ޓީމެއް ކަމަށެވެ. ” އަސްލު މިފަދަ މުބާރާތްތަކުގައި ވާދަކުރާއިރު ކުޅުންތެރިން ނަފްސާނީ ގޮތުންވެސް އެބަޖެހޭ ތައްޔާރުވާން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަދި އުންމީދުވެސް ކުރީ 30 ވަރަކަށް ލަނޑު ހަދާނެކަމަށް. އެއީ މިޓީމުގައި މިތިބަ ކުޅުންތެރިންގެ އަސްލު ފެންވަރުގައި ކުޅެވިއްޖެނަމަ އެވަރަށް ލަނޑު ނުހެދެންވީ ސަބަބެއްނެތް. ވާދޫ ޓީމަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް މަޑަވެލީ ޓީމަށްވުރެ މޮޅު ޓީމެއް. އެހެންވީމަ އެކަންކަން އެބަޖެހޭ ރަގަޅުކުރަން. އިރާދަކުރެއްވިއްޔާ ޒޯނަށް ދާއިރު އަތޮޅު މުބާރާތުގައި މިކުޅެވުނު ދެމެޗުން ލިބުނު ތަޖުރިބާގެ ބޭނުން ކުޅުންތެރިން ހިފައިގެން މިއަށްވުރެ ރަގަޅު ނަތީޖާއެއް ނެރޭނެ”

ޢައިޝާ އިތުރަށްބުނީ މިމުބާރާތުގައި ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ވަރަށް ރަގަޅު ކަމަށާއި އެކަމާމެދު ވަރަށްބޮޑަށް އުފާވާކަމަށެވެ. “ކުރިން ވަރަށްގިނައިން މީހުން ބުނާނެ މިރަށު އަންހެނުން ކުޅިވަރު ކުޅޭއިރު އެހާބޮޑު އެކުވެރިކަމެއް ނޯވެޔޭ. ނަމަވެސް މި މުބާރާތުގައި އަޅުގަނޑަށް ފެންނަނީ ހުރިހާކުޅުންތެރިންވެސް ވަރަށްގުޅިގެން ވަރަށް އެކުވެރި ރޫޙެއްގައި މަސައްކަތްކުރަމުންދާތަން. އެއީ ކާމިޔާބު ހޯދުމަށްޓަކައި ވަރަށްމުހިންމު ކަމެއް.”

ގދ. އަތޮޅުގެ ޗެމްޕިއަން ވާދޫ ބަށި ރޫޙު ދެން ވާދަކުރަންޖެހެނީ ޒޯން މުބާރާތުގައެވެ. އެހެން ކުޅިވަރު ތަކުގައި މީގެ ކުރިން ޒޯން ކަނޑައަޅާއިރު ކަނޑައަޅަނީ ދެކުނުގެ ހަތަރު އަތޮޅުކަމަށްވިޔަސް މަޢުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތުގައި ޒޯން ހަމަޖައްސާފައިވަނީ ލ. އަތޮޅާއެކު ދެކުނުގެ 5 އަތޮޅެވެ. އެހެންކަމުން ޒޯން މުބާރާތް ބާއްވާނެ ތަނެއް އެސޯސިއޭޝަނުން އަދި މުޅިން ފައިނަލެއް ނުކުރެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެސޯސިއޭޝަންގެ ވިސްނުންހުރީ ފުވައްމުލަކުގައި ނުވަތަ މާލޭގައި ޒޯން މުބާރާތް ބޭއްވުމަށެވެ.

ކިޔުންތެރިންގެ ޚިޔާލު